Last Updated: July 12, 17:43
Saturday, July 12, 2025
ޚަބަރު

ފަލަސްތީނު ރައްޔިތުން ވަޒަނުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށާއި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިހުތިޔާރުކުރަންޖެހޭ ކަމަށެވެ.

އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސުލްހަ ކޮންމެހެން ވެސް ބޭނުންވާ ކަމަށް ނަޝީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 57،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.