ބޮލީވުޑްގެ ތަރި، ޓައިގާ ޝްރޮފް ވަރުގަދަ އެކްޝަން ރޯލެއް ކުޅެމުން އަންނަ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ ޝޫޓިން ނިންމާލައިފި އެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ޓައިގާ ވަނީ އާ ފިލްމަކީ ވަރުގަދަ ލޭހޮރުވުންތަކެއް ފެންނާނެ ފިލްމެއް ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "ބާގީ 4" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ވޭދާ" ގެނެސްދިން އޭ ހަރްޝާ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބާގީ 4" ގެ ވިލަން އަކީ ސަންޖޭ ދަތެވެ. ފިލްމުގެ ބަތަލާއިންނަކީ 2021 ގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ އާއި ސޯނަމް ބަޖްވާ އެވެ.
"ބާގީ 4" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ސެޕްޓެމްބަރު 5 ގަ އެވެ.
މީގެ ފުރަތަމަ ބައި 2016 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި 2018 އަދި ތިން ވަނަ ބައި ގެނެސްދިނީ 2020 ގަ އެވެ. "ބާގީ" ގެ ޑައިރެކްޓަރަކީ 2014 ގެ "ހީރޯޕަންތީ" އިން ޓައިގާ ބޮލީވުޑަށް ތައާރަފުކުރި ސަބީރް ޚާނެވެ. އަދި "ބާގީ 2" އާއި ތިނެއްގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ.