އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ ހުއްދަ ނެތި އެ ދާއިރާއާ ގުޅުން ހުރި ކޯސްތަކެއް ހިންގާ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަމާ ގުޅިގެން ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ނެރުނު ސާކިއުލާއެއްގައި ބުނީ ހުއްދަ ނުނަގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅުން ހުރި ކޯސްތަކެއް ހިންގާ މައްސަލައެއް އެތަމުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ސާކިއުލާގައި ބުނީ ގަވާއިދާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށާއި އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަށް ހިންގާ ނަމަ އެ ހިންގާ ކޯސްތަކާއި، ތަމްރީނުތައް ދޭ މަރުކަޒުތަކާއި، އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި، ތަމްރީނު ދޭ ފަރާތްތަކުން ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ވެސް ނަގަން ޖެހޭ ކަމަށެވެ.
އެހެންވެ ހުއްދަ ނެތި އޭވިއޭޝަން ދައިރާގެ ސެކިއުރިޓީ ކޯސްތައް ހިންގުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން ކޯސްތައް ހިންގަމުންދާތީ ކަންބޮޑުވާ ކަމަށް ޑާސާ އިން ބުންޏެވެ.
ނަމަވެސް އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކާއި ތަމްރީނު ހުއްދަ ނެތި ހިންގަމުން ދަނީ ކޮންކޮން ތަންތަނަކުން ނުވަތަ ކޮން ފަރާތްތަކަކުން ކަމެއް ޑާސާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ޑާސާ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ. އެތަނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހެދުމެވެ.