ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،
ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަނިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް، ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންވެ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މެއި 30، 2025 ގައި ކުރިއަށް ގެންދިޔަ ގުރުއަތުން މީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސް ކުރުމުގެ ގޮތުން އާ ގޯތީގެ ރަޖިސްޓަރީ ނަމްބަރާއި ގޯތީ ނަމްބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން އެ މީހުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކޮށް އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.