Last Updated: July 12, 17:43
Saturday, July 12, 2025
ޚަބަރު

ފައިދާ ހުރި ގޮތަކީ ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އިއާދަނުކުރެވޭ ހިސާބަށް ގައުމުގެ ކަންކަން ދިޔުމުގެ ކުރިން ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހުނުކޮށް ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ. މިގޮތަށް ނިންމާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމުމުން، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށާއި އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

އަދި މިހާ ހިސާބަށް ކަންކަން ދިޔުމުން ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ އަމިއްލަ ނަފްސާއި ސުވާލުކޮށްލަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް،" ފައްޔާޒު ވިދާޅުވި އެވެ.