Last Updated: July 12, 17:43
Saturday, July 12, 2025
ޚަބަރު

ފަލަސްތީނު ރައްޔިތުންނަށް ކުރާ އަނިޔާތައް ހުއްޓުވަން ގޮވާލައިފި

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރުމަށް ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސެލަމްގައި ރާއްޖެ އިން ގޮވާލައިފި އެވެ.

ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު އެވެ.

އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީއައިއާރްޕީޕީ) އަދި އޯއައިސީ އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ ޝިޢާރަކީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ.

ސަރީރުގެ ވާހަކަފުޅުގައި، އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ޣާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި، އިސްރާއިލުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.

މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި ސަރީރު ވިދާޅުވި އެވެ. މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވި އެވެ.