Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

މަސްވެރިކަން ތަރައްގީ ކުރަން ސައުދީން އެހީ ވަނީ

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފި އެވެ.

ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އިއްޔެ ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހަށް ޒިޔާރަތްކުރައްވާފަ އެވެ.

މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީން ރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ސައުދީން ރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވި އެވެ.

މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާ އިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާއި، ޚާއްސަކޮށް މ. މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.

އަދި މިއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް ސައުދީ ސަފީރު ވަނީ ވިދާޅުވެފަ އެވެ.