Last Updated: July 12, 11:59
Saturday, July 12, 2025
ޚަބަރު

ވިސާއާ ނުލައި ޑޮމިނިކާއަށް ދެވޭ ގޮތް ހަދައިފި

ރާއްޖެ އާއި ޑޮމިނިކާއާ ދެމެދު ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮން އެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ އެވެ. އަދި ޑޮމިނިކާ ރައްޔިތުންނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބުނެފަ އެވެ.