ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗު ހަވަނަ މިނެޓްގައި ޕީއެސްޖީން ވަނީ ލީޑު ނަގައިފަ އެވެ. ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ހެދި ގޯހެއްގެ ފައިދާ ނަގައި އޮސްމާނޭ ޑެމްބެލޭ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މި ދެ ގޯލަށް ފަހު ވެސް ޕީއެސްޖީން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޕީއެސްޖީން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 24 ވަނަ މިނެޓްގައި ރުއިޒް ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ރެއާލުން ކުޅުން ރަނގަޅުކޮށް އެޓޭކުތަކެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން ދެވަނަ ހާފުގައި މި މުބާރާތަށް ފަހު ރެއާލް ދޫކޮށްލަން ނިންމާފައިވާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ވެސް ކުޅެން އަރާފައިވެ އެވެ. ރެއާލް ދޫކޮށްލުމަށްފަހު މޮޑްރިޗް ބަދަލުވާން ނިންމާފައިވަނީ އިޓަލީގެ އޭސީ މިލާނަށެވެ.
ޕީއެސްޖީގެ ހަތަރުވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ. ބްރެޑްލީ ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، މި ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފުގައި ކުޅެން އެރި ޕޯޗުގަލްގެ ފޯވާޑް ގޮންސާލޯ ރާމޯސް އެވެ.