އިއްޔެ އެކަނި ވެސް މާލެއިން ގަވާއިދާ ހިލާފަށް އުޅޭ 31 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެތަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން ހޯދަން ހާއްސަކޮށްފައިވާ ޓާސްކްފޯހަށް އިއްޔެ ހަވީރު ގިނަ އަދަދެއްގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ދިލްބަހާރު މަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 31 ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނޮވެމްބަރު 17، 2023 އިން ފެށިގެން ގަވާއިދާ ހިލާފު ބިދޭސީން ހޯދަން އެ އިދާރާ އިން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ އިރު، މިހާތަނަށް މާލެ އާއި ހުޅުމާލެ އިން ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 7،635 މީހަކު މިދިޔަ މަހުގެ ނިޔަލަށް ޑީޕޯޓްކޮށްފައިވެ އެވެ.
މި އޮޕަރޭޝަން އިމިގްރޭޝަނުން އަތޮޅުތެރެއަށް ވެސް ފުޅާކުރަމުން އަންނަ އިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 83 ބިދޭސީން އަތުލައިގެންފައިވެ އެވެ.