ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ރާއޯ އަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
އޭނަ އާއި އަންހެނުން، ބަތަލާ ޕަޓްރަލޭކާ މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ "އަލަތު ދަރިފުޅުވީ އައުމުގެ މަގުމަތީގައި" ކަމަށެވެ. ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، ރާޖް، 40، އާއި ޕަޓްރޭލާކާ، 35، ކައިވެނިކުރީ 2021 ގަ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އޭނަ ގޭންގްސްޓާރެއްގެ ރޯލު ކުޅެފައިވާ އެކްޝަން ތުރިލާ "މާލިކް" މާދަމާ ރިލީޒްކުރާ އިރު، މިއީ މި އަހަރު ރިލީޒްވާ ރާޖްގެ ދެވަނަ ފިލްމެވެ. އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މެއި މަހު ރިލީޒްކުރި ފެންޓަސީ ރޮމޭންޓިކް ކޮމެޑީ "ބޫލް ޗުކް މާފް" އެވެ.
ރާޖްގެ ހަތަރު ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އިރު، އޭގެ ތެރެއިން "އިސްތިރީ 2" އަކީ އެ އަހަރުގެ އެންމެ ބޮޑު ހިޓެވެ.
އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަވް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާ ހިމެނެ އެވެ.
ރާޖާއި ޕަޓްރަލޭކާ އަކީ ފިލްމީ ތަރިންގެ އިތުރުން މިހާރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހަދައި ފިލްމު ވެސް ޕްރޮޑިއުސްކުރަމުން އަންމަ ދެމަފިރިންނެވެ.