ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް، ބައްދަލު ކުރައްވައި ހާއްސަ ހަދިޔާއެއް ވެދުން ކުރައްވައިފި އެވެ.
މައުމޫން މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގައި މަހާތީރަށް އަރުވާފައި ވަނީ މާލޭގެ ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްްއެލެވެ.
މެލޭޝިއާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އަދި އެ ގައުމުގެ ތަރައްގީގެ ބާނީގެ ގޮތުގައި ސިފަކުރާ މަހާތީރްގެ 100 ވަނަ އުފަން ދުވަހަކީ މިއަދެވެ. މަހާތީރްގެ އުފަން ދުވަހަށް މައުމޫން ހާއްސަ ހަދިޔާއެއް ވެދުން ކުރެއްވި އިރު، މައުމޫންގެ ވެރިކަމުގެ ތެރޭގައި މަހާތީރު ރާއްޖެ ވެސް ވަޑައިގެންނެވި އެވެ.
އަދި ދެ ބޭފުޅުންގެ މެދުގައި އަބަދު ވެސް ވަރަށް ބޮޑު ގާތް އެކުވެރިކެއް އޮވެ އެވެ.
މައުމޫނާއި މަހާތީރްގެ ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ގުޅޭ ގޮތުންނާއި އިސްލާމީ ގައުމުތަކުގެ ހާލަތާއި ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ގަތުލުއާންމާ ގުޅޭ ވެސް ކަންބޮޑުވުންތައް ހިއްސާކުރައްވައިފަ އެވެ. އަދި އެ ގަތުލުއާންމާ ދެކޮޅަށް ބޮޑެތި ގައުމުތަކުގެ ލީޑަރުން މަސައްކަތް ނުކުރައްވާކަމުގެ ކަންބޮޑުވުން ދެ ބޭފުޅުން ވެސް ފާޅުކުރައްވި އެވެ.