Last Updated: June 12, 17:14
Friday, June 12, 2026
މުނިފޫހިފިލުވުން

ފްރެއިޑާ ޕިންޓޯ އެންމެ ފަހުން ބޮލީވުޑަށް!

އޮސްކަ އެވޯޑް 2009 ވަަނަ އަހަރު ހާސިލް ކުރި ފިލްމް "ސްލަމްޑޮގް މިލިއަނާ" އިން ލިބުނު މަޝްހޫރުކަމާ އެކު ހޮލީވުޑްގައި މިހާރު މަސައްްކަތް ކުރަމުން އަންނަ އިންޑިއާ އަށް އުފަން ބަތަލާ ފްރެއިޑާ ޕިންޓޯ ބޮލީވުޑްގެ ފިލްމެެއް ކުޅެން އެއްބަސްވެފައިވާ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެފި އެވެ.

"ރައިޒް އޮފް ދަ ޕްލެނެޓް އޮފް ދި އޭޕްސް"، "އިމޯޓަލްސް"، "ޓްރިޝްނާ"، "މިރަލް" އަދި "ޔޫ ވިލް މީޓް އަ ޓޯލް ޑާކް ސްޓްރޭންޖާ" ފަދަ ހޮލީވުޑްގެ ފިލްމްތަކުން ފެނިފައިވާ ފްރެއިޑާ ބޮލީވުޑްގެ ފިލްމެެއް ކުޅެން އެއްބަސްވީ ޝަރުތުތަކަކާ އެކު ކަމަށް އެވެ.

އޭގެ ތެރޭގައި ފިލްމް "އުޅާން" އިން އާންމުންގެ ސަމާލުކަން ހޯދުމަށް ފަހު، މިހާރު ސޮނާކްްޝީ ސިންހާ އާއި ރަންވީރު ސިންގް ހިމަނައިގެން "ލުޓޭރާ" ޑައިރެކްޓް ކުރަމުން އަންނަ އަދިތިޔަމޮޓްވާނޭ ފްރެއިޑާގެ ފިލްމް ޑައިރެކްޓް ކުރުން ހިމެނެ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން މޮޓްވާނޭ އާއި ފިލްމްގެ ރައިޓަރު އަދި ނަވްދީޕް ސިންގް، ފްރެއިޑާ އާ ވާހަކަ ދައްކަމުން އަންނަ ކަމަށްވެ އެވެ. އަދި ފިލްމަށް 28 އަހަރުގެ ބަތަލާ ގެނެވޭތޯ އެ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ފްރެއިޑާގެ ހުށަހެޅުން އެ މީހުން އަދި ގަބޫލް ކުރި ކަމެއް ޔަގީނެއް ނުވެ އެވެ.

މީގެ ކުރިން ވެސް ބޮލިވުޑުން ފްރެއިޑާ އަށް ގިނަ އޮފާތަކެއް ލިބިފައިވާ ކަމަށްވެ އެވެ. އެހެން ނަމަވެސް ގަސްތަކުގެ ވަށައިގެން ދުވެ، ނަށައި ލަވަ ކިޔާ ފިލްްމްތައް ކުޅެން އޭނާ ބޭނުން ނުވާ ކަމަށްވެ އެވެ.

އެހެން ނަމަވެސް މޮޓްވާނޭ އާއި ނަވްދީޕްގެ ސްކްރިޕްޓާ ދޭތެރޭ ފްރެއިޑާ ވަރަށް ހިތްހަމަޖެހެ އެވެ. އޭނާ މިހާރު އަންނަނީ "ޑެޒަޓް ޑާންސަ" އަދި "ނައިޓް އޮފް ކަޕްސް" ގެ މަސައްކަތް ކުރަމުންނެވެ.