Last Updated: July 12, 11:15
Saturday, July 12, 2025
ޚަބަރު

ކުންފުނިތަކަށް ލާ މީހުންގެ ތައުލީމާއި ތަޖުރިބާ ބަލަނީ

ޕީސީބީ

ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމާއި، ވަކިކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިސްލާހުކޮށްފި އެވެ.

ޕީސީބީން ބުނީ، އުސޫލު އިސްލާހުކުރީ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ޤާބިލު ފަރާތްތައްކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

އަލަށް ގެނައި އިސްލާހުގައި ކުންފުނިތަކުގެ ޗެއާޕާސަން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުގެ ގޮތުގައި އަލަށް ދެ ކަމެއް ހިމަނާފައިވެ އެވެ.

އެއީ ޤައުމީ ސަނަދުގެ އޮނިގަނޑުގެ "ލެވެލް 7" އަށް ފެތޭ ސަނަދަކާއި އެކު ވިޔަފާރިއާއި ގުޅުން ހުރި ދާއިރާއަކުން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

މީގެއިތުރުން މިހާރުވެސް އުސޫލުގައި އޮންނަ ގޮތަށް ކުންފުނިން ކުރާ ވިޔަފާރި ތަރައްޤީކުރުމަށާއި ކުންފުނިން ކުރާ ކަންތައްތައް ރާވައި ހިންގުމުގައި އެ ވަގުތަކަށާއި ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ކަންތައްތައް ރާވައި ބައްޓަން ކުރުމުގައި ހިއްސާ ކުރެވޭނެ މީހެއް ކަމަށް ބެލުމަށްޓަކާ ޕީސީބީން ކުރިއަށް ގެންދާ އިންޓަވިއުންއިން 60 އިންސައްތަ މާކްސް ހޯދަން ޖެހެ އެވެ.