Last Updated: July 12, 11:59
Saturday, July 12, 2025
ޚަބަރު

ތިނަދޫ އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

ގދ. ތިނަދޫގައި މިދިޔަ މޭ މަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ މިއަދު ނިޔާވެއްޖެ އެވެ.

މޭ މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވަން އިން ތިނަދޫ، ތިންމުތީ، ޒާހިޔާ ނިޔާޒް، 31، އަހަރުގެ އަށެވެ. އެގޮތުން މި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ.

ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި ހަމަ އެދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށި އެވެ.

އެނގިފައިވާ ގޮތުގައި ޒާހިޔާ ނިޔާވިއިރު ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގަ އެވެ.

އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް، ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.