Last Updated: May 12, 18:01
Sunday, May 12, 2024
ކުޅިވަރު

ލިވަޕޫލް އަތުން ބަލިވެ ޗެލްސީ އަށް އިތުރު ނާކާމިޔާބީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލު ކުރި މެޗު ފަހަތުން އަރައި 1-3 ގެ ނަތީޖާ އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. މެޗުގެ ވަރަށް ކުރީ ކޮޅުގައި ޗެލްސީ އިން ގޯލު ޖަހައި ލީޑު ނެގިއެވެ. މިގޯލު ޗެލްސީ އަށް ކާމިޔާބު ކޮށް ދިނީ އެޓީމުގެ ޖާސީ ނަމްބަރު7 ރަމިރެސް އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ލިވަޕޫލް ގެ ޒުވާން ފޯވާޑް ފިލިޕް ކުޓީނިއޯ އެވެ. ދެވަނަ ހާފުގައި ލިވަޕޫލް އަށް ލީޑު ނަގާ ދިނީވެސް ކުޓީނިއޯއެވެ. ލިވަޕޫލް ގެ 3 ވަނަ ގޯލު ކާމިޔާބު ކޮށް ދިނީ މެޗުގެ 84 ވަނަ މިނެޓުގައި ކްރިސްޓިއަން ބެންޓެކޭ އެވެ.

މިއީ މިސީޒަނުގައި ޕްރިމިއާ ލީގުން ޗެލްސީ ބަލިވި 6 ވަނަ މެޗެވެ. ކުޅުނު 10 މެޗުން މޮރީނިއޯގެ ޓީމަށް ލިބިފައި ވަނީ އެންމެ 11 ޕޮއިންޓެވެ. މި ބައްޔާ އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާޔޫސް ވެ މެނޭޖަރަށް ކުރާ އިތުބާރު ގެއްލިފައެވެ. ބައެއް ސަޕޯޓަރުން ފާޅުގައި ސޯޝަލް މީޑިއާގައި މޮރީނިއޯ ބޭރު ކުރުމަށް ގޮވަމުން ދާއިރު ބައެއް ސަޕޯޓަރުން އަދިވެސް ތިބީ މިދިޔަ ސީޒަނުގައި ތަށީ ކާމިޔާބު ކުރި މެނޭޖަރުގެ ފަހަތުގައެވެ.

ޗެލްސީ ބަލިކޮށް ލިބުނު މޮޅަކީ ލިވަޕޫލްގެ އާ ކޯޗު ޔާގަން ކްލޮޕް އަށް ޕްރިމިއާ ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. އޭނާ ލިވަޕޫލް އާ ހަވާލުވިފަހުން މިހާތަނަށް ކުޅުނު 4 މެޗުން އެއްވެސް މެޗެއްގައި ބަލިވެފައެއް ނުވެއެވެ. ލިވަޕޫލް ގެ ގިނައަދަދެއްގެ ސަޕޯޓަރުން ދަނީ ކްލޮޕް އަށް ތައުރީފު ކޮށް އުފާ ފާޅުކުރަމުންނެވެ.