Last Updated: July 16, 12:04
Wednesday, July 16, 2025
މުނިފޫހިފިލުވުން

ސަލްމާންގެ ބަތަލާ އަކީ ޗިތުރަންގަދާކަން ކަށަވަރު

މި މަހު ޝޫޓިން ފަށާ ސަލްމާން ޚާންގެ އާ ފިލްމު 'ބެޓްލް އޮފް ގަލްވާން' ގެ ބަތަލާ އަކީ ޗިތުރަގަންދާ ސިންގްކަން ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ކަށަވަރުކޮށް ދީފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ޗިތުރަންގަދާ އަކީ ވަރަށް ކަމުދާ ބަތަލާއެއް ކަމަށާއި އޭނައާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތަކަށް ވެސް އުުންމީދު ކުރަމުން އައި ކަމަށެވެ. އަދި 'ބެޓްލް އޮފް ގަލްވާން' އިން އެ ފުރުސަތު ލިބިފައިވާތީ ވަރަށް އުފަލުން ހުރި ކަމަށް އަޕޫރްވާ ބުންޏެވެ.

"އަހަންނަކީ އަބަދު ވެސް ޗިތުރަންގަދާގެ ފޭނެއް. ހާއްސަކޮށް އޭނަގެ ހަޒާރޯ ހުވާއިޝޭ އޭސޭ އާއި ބޮބް ވިސްވާސް ބެލުނު ފަހުން މާ ބޮޑަށް ވެސް ޗިތުރަންގަދާގެ މަސައްކަތް ކަމުދޭ." އޭނަ ބުންޏެވެ.

އަޕޫރްވާ ބުނީ ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅޭ 'ބެޓްފް އޮލް ގަލްވާން' ގައި ޗިތުރަންގަދާ ކުޅޭނީ ވެސް ވަރަށް ވަރުގަދަ މުހިއްމު ރޯލެއް ކަމަށެވެ. މި ފިލްމަކީ އަޕޫރްވާ އާއި ޗިތުރަންގަދާ ވެސް ސަލްމާނާ އެކީ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

"ބެޓްލް އޮފް ގަލްވާން" އަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ.