Last Updated: July 16, 11:22
Wednesday, July 16, 2025
ރިޕޯޓް

އޯގާތެރިވާށެވެ. އަނިޔާވެރި ނުވާށެވެ.

އޭ ލޮބުވެތި އަޚާ އެވެ. އަދި އުޚްތާ އެވެ. ތިބާ އަކީ މަންމަ އެއް ހެއްޔެވެ؟ ނުވަތަ ބައްޕައެއް ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ތިބާގެ ދުވަހުގެ ދިހަ ވަރަކަށް މިނެޓު މި ލިޔުން ކިޔައިލުމަށްޓަކައި ހުސްކޮށްލައި ދޭށެވެ.

ޒަވާޖީ ޙަޔާތެއް ފެށިގެން ދަނީ ވަރަށް އުފާވެރި ޙަފްލާތަކެއްގެ ތެރެއިން އުންމީދުގެ ދޮރުތައް ހުޅުވި މުޅިން އާ ހުވަފެންތަކަކަށް މަރުޙަބާ ކިޔަމުންނެވެ. ތިބާގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ތިބާ އިޚްތިޔާރު ކުރި މީހާއާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ އުންމީދުގައި، މުޅިން އާ ޞަފްޙާތަކެއްގައި ޙަޔާތުގެ ގަލަން ބީއްސައިލުމާއެކު އެންމެ ފުރަތަމަ ތިބާ ދެކުން ހުވަފެނަކީ ލޯބިލޯބި ދަރިއެއްގެ ހުވަފެނެވެ.

އެ ހުވަފެން ސީދާވާނެ ކަމުގެ ޚަބަރު ތިބާއަށް ލިބުމާއެކު އެ ދަރިފުޅަށް ޓަކައި ތިބާ އުފުލި ބުރަތައް ތަޞައްވަރު ކުރުމުގެ ކުޅަދާނަކަން ހުރި ހަމައެކަނި މީހަކީ ތިބާ އެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެ ދަރިފުޅަށް ޓަކައި ތިބާ ތަޙައްމަލް ކުރި ކަންކަމަކީ ޚުދު ތިބާ ނޫން ކާކަށް ވިސްނޭނެ ޙަޤީޤަތެއް ތޯއެވެ؟ އެހެން ކަމަށް ވާނަމަ ތިބާއަށް ވުރެ އެ ދަރިފުޅު ދެކެ ލޯބި ވެވޭނީވެސް ވަކި ކާކަށް ތޯއެވެ؟ ދަންނާށެވެ. އަޅުގަނޑު މި ވާހަކަ ތިބާއާ ޚިއްޞާކޮށްލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މިއެވެ. އެ ދަރިފުޅު ދެކެ އެންމެ ލޯބިވާ، އެ ދަރިފުޅަށް އެންމެ ހެޔޮ އެދޭނޭ މީހަކީ ތިބަ ކަމުގައި ވާތީ އެވެ.

އޭ ލޮބުވެތި އަޚާ އެވެ. އަދި އުޚްތާއެވެ. ތިބާ ބޭނުން ވަނީ އެ ދަރިފުޅަކީ ކިޔަމަންތެރި ކުއްޖަކަށްވާށެވެ. އަދި އެންމެ އަދަބުވެރި ގޮތުގައި އެހެން މީހުންނާއި މުޢާމަލާތު ކުރަން ދަންނަ ކުއްޖަކަށް ވާށެވެ. ހެޔޮ ކަންކަމުގައި ކުރިއަރައިދާ ކުއްޖަކަށްވާށެވެ. އަމިއްލަ ކުށް ޤަބޫލުކޮށް، އަދި ކުށެއް ކުރެވިއްޖެ ނަމަ އެކަމަށް އަވަހަށް މަޢާފަށް އެދި އެކަން އިޞްލާޙު ކުރާ ކުއްޖަކަށްވާށެވެ.

ތިބާ ކުރާ މަސައްކަތް ތަކުގައި ތިބާއަށް މަދަދުވެރިވާ، އަދި މުސްކުޅިވާ ދުވަހު ތިބާއަށް އޯގާތެރިވެ އަޅައިލާނެ ކުއްޖަކަށް ވާށެވެ. މިއީ ކޮންމެ މަޔަކާއި ބަފަޔަކުވެސް އެމީހެއްގެ ދަރިންނާމެދު ދެކޭނެ ހުވަފެންތަކެވެ.

އެހެން ނަމަވެސް އަޅުގަނޑު ތިބާ އަށް ދޭން ބޭނުންވާ ވަރަށް މުހިއްމު ނަޞޭޙަތެއް އެބަ އޮތެވެ.

އޭ ލޮބުވެތި އަޚާ އެވެ. އަދި އުޚްތާ އެވެ. އޯގާތެރި ވާށެވެ. އަނިޔާވެރި ނުވާށެވެ.

ތިބާގެ ދަރިފުޅަކީ ތިބާއާ ޙަވާލު ކުރެވިފައިވާ އަމާނާތެކެވެ. އެ އަމާނާތައް ރައްކާތެރިވާށެވެ. އެ ދަރިފުޅުގެ މައްޗަށް ތިބާގެ އަމުރަށް ކިޔަމަން ވުމަށް މަޖުބޫރު ކުރާއިރު އެ ދަރިފުޅުގެ އަމިއްލަ އިހާސާސްތަކެއް ވެސް ވާކަން ޤަބޫލު ކުރަން ވާނެއެވެ. އަމިއްލަ މަޞްޢޫލިއްޔަތުތަކަކާއި ޒިންމާތަކެއް ވެސް ވާކަން ޤަބޫލު ކުރަން ވާނެއެވެ. ﷲއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި މައިން ބަފައިންނަށް ކިޔަމަންވުމަށް އެ ދަރިފުޅުގެ މައްޗަށް ވަނީ އަމުރުކުރެވިފަ އެވެ. އެހެން ނަމަވެސް މިއީ އެ ދަރިފުޅުގެ މައްޗަށް އަނިޔާވެރި ވުމަށް ތިބާއަށް ލިބޭ ފެހި ސިގްނަލެއް ކަމަށް ނުދެކޭށެވެ.

އަޅުގަނޑު މި ދަންނަވަނީ އެއްވެސް ޙާލެއްގައި އެ ދަރިފުޅު ބުނާ ގޮތަށް ހުރިހައި ކަމެއް ކޮށް ދިނުމަކަށް ނޫނެވެ. އަދި ކިޔެއް ތޯއެވެ. ތިބާ އެ ދަރިފުޅު ތަރުބިއްޔަތު ކުރުމަށްޓަކައި ނަގާ ފިޔަވަޅު ތަކުގައި ނުވަތަ ބުނާ ބަސްބަހުގައި އަނިޔާވެރި ގޮތްތައް އިޚްތިޔާރު ނުކުރުމަށެވެ.

އަނިޔާވެރި ވުމަކީ ކޮބައިތޯ އެވެ؟ ތިބާ ހިތްހަމަނުޖެހޭ ކަމެއް ކުރާ ކޮންމެ ފަހަރަކު އަތް އިސް ކުރުމަކީ އަނިޔާއެކެވެ. އެހެން މީހުން ކުރިމަތީ ދަރިފުޅު ފަޟީޙަތް ކުރުމަކީ އަނިޔާއެކެވެ. ދަރިފުޅާ ހުތުރު ބަސްބަހުން ނުވަތަ ނަންނަމުން މުޚާޠަބު ކުރުމަކީ އަނިޔާއެކެވެ. ދަރިފުޅުގެ އިޙްސާސްތަކާއި އާދޭސްތައް އަޑުނޭހުމަކީ އަނިޔާއެކެވެ. ސްކޫލުގައި ކިޔަވާ ކުއްޖެއްނަމަ އެ ކުއްޖާގެ ކިޔެވުމަށް ހުރަސް އެޅުމަކީ އަނިޔާއެކެވެ. ޙިމާޔަތްތެރި ވުމުގެ ނަމުގައި ދަރިފުޅު އަޅުވެތިކޮށްގެން ގެންގުޅުމަކީ އަނިޔާއެކެވެ.

ތިބާގެ ހުވަފެންތައް ޙަޤީޤަތައް ހެދުމަށްޓަކައި އެ ދަރިފުޅުގެ ހުވަފެންތައް ތިބާ ކަތިލަނީ އެއީ ދީނުގައި ޙަރާމް ކަމެއް ކަމުގައި ވާތީ ތޯއެވެ؟ ނުވަތަ އެ ހުވަފެން ޙަޤީޤަތަކަށް ހަދާ ވަރުގެ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ތޯއެވެ؟ ނުވަތަ އެ ދަރިފުޅުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ޙާލަތު ނިޔާކުރާގޮތުން އެއީ އެދަރިފުޅަށް ކުޅަދާނަވެގެން ވާވަރަށްވުރެ ބޮޑު ބުރައެއްކަން ތިބާ އަށް ޔަޤީންވާތީ ތޯއެވެ؟ ތިބާގެ ޖަވާބަކީ “ނޫނެކޭ” ނަމަ، އެއީ ވެސް އެ ދަރިފުޅަށް ދެވޭ އަނިޔާއެއްކަން ތިބާއަށް އެނގޭތޯ އެވެ؟

ދެން އެއަށްފަހު ދަރިފުޅު އަމިއްލަ ދިރިއުޅުމެއް ފެށުމުގެ ބޭނުމުގައި ޙަޔާތުގެ ބައިވެރިއަކަށް ހަދާނެ މީހަކު އިޚްތިޔާރު ކުރާ ދުވަސް އާދެއެވެ. އެ ދަރިފުޅު އިޚްތިޔާރުކުރާ މީހަކާ ތިބާ ދެކޮޅު ހަދަން ވާނީ އެމީހެއްގެ ކިބައިގައި ދީނީގޮތުން ނުވަތަ އަޚްލާޤީ ގޮތުން ހުންނަ ނުބައި ޞިފައެއްގެ ސަބަބުންނެވެ. އެހެން ނޫން ނަމަ އެއީވެސް އަނިޔާއެކެވެ. ނުވަތަ އެ ދަރިފުޅު ނުރުހޭ މީހަކާ ކައިވެނި ކުރުމަށް މަޖުބޫރު ކުރުމަކީވެސް ކަނޑައެޅިގެން ވެވޭ ބޮޑު އަނިޔާއެކެވެ.

އޭ ލޮބުވެތި އަޚާއެވެ. އަދި އުޚްތާއެވެ. ތިބާގެ ނިންޖާއި ވަގުތުތައް ޤުރުބާން ކޮށްގެން ތިބާގެ ދެއަތްމަތީ އުފުލައިގެން ބަލައި ބޮޑުކުރި ދަރިފުޅުގެ ދިރިއުޅުން ހަމަ އެ ދެއަތުން ވީދައި ކުދިކުދި ކޮށް ނުލާށެވެ.

އަދި މި ހިސާބުން ނިމުނީއެއް ނޫނެވެ. އެ ދަރިފުޅު ކައިވެނިކޮށްގެން މުޅިން އާ ޙަޔާތަކަށް މަރުޙަބާ ކިޔަ އެވެ. އެއީ ދަރިފުޅުގެ ދިރިއުޅުމަށް އަންނަ ވަރަށް ބޮޑު އިންޤިލާބެކެވެ. އެވަގުތު ދަރިފުޅަށް ބޭނުންވާނީ ތިބާގެ އޯގާތެރިކަމާއި ހިތްވަރުގެ ބަސްތަކެވެ. ރަޙްމަތާއި ކުލުނުން ފުރިގެންވާ ޙާލު އެ ދަރިފުޅުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެހުމަށްޓަކައި އަބަދުވެސް ތިބާގެ ހިތް އެ ދަރިފުޅަށްޓަކައި ހުޅުވައިލާށެވެ. އެ ދަރިފުޅަށް ފިއްތުން ތައް ކުރިމަތި ނުކުރާށެވެ. ދަރިފުޅުގެ ހުރިހައި ކަމަކަށް އަދި ދެމަފިރިން ދެމެދު ހިނގާ ކަންކަމަށް ބާރު ފޯރުވަން ތިބާ ނޫޅޭށެވެ.

ދަރިފުޅާއި އެ ދަރިފުޅުގެ ބައިވެރިޔާ، އެމީހުންގެ ޒަވާޖީ ޙަޔާތުގެ ކަންކަމުގައި، އަދި ވަކިން ޚާއްޞަކޮށް އެ މީހުންނަށް ލިބޭ ދަރިއެއްގެ ކަންކަމުގައި ނިންމާ ނިންމުންތަކަށް އިޙްތިރާމް ކުރާ މީހަކަށް ތިބާ ވާށެވެ. އެހެން ނޫންނަމަ އެއީ ވެސް ހުސް އަނިޔާ އެވެ.

ދަންނާށެވެ. ތިބާ ވާންވާނީ އަނިޔާވެރި އަތްތަކުން އެ ދަރިފުޅު ރައްކާތެރިކުރާ އައްޑަނައަކަށެވެ. އެހެނީ އެއީ ތިބާގެ މައްޗަށްވާ ވާޖިބެއް ކަމުގައިވާތީއެވެ. އެހެން ކަމަށް ވާނަމަ އެ ދަރިފުޅުގެ މައްޗަށް އަނިޔާވެރި ވުމަކީ ކިހައި ބޮޑު ފާފައެއް ތޯއެވެ؟ އިސްލާމް ދީނުގައި އެއްވެސް މުސްލިމެއްގެ މައްޗަށް އަނިޔާވެރި ވުމަކީ ޙަރާމް ކުރައްވާފައިވާ ބޮޑު ފާފައެކެވެ.

އިމާމް ނަވަވީގެ އަރިހުން އައިސްފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. (عن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم أنه قال: “لا ضرر ولا ضرار”) . އަބީ ސަޢިދު އަލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އަނިޔާ ކުރުމެއް ނެތެވެ. އަދި އަނިޔާ ލިބިގަތުމެއް ވެސް ނެތެވެ.” މީގެ އިތުރުން ޢާއިޝަތުގެ ފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. (قَالَ رَسُولُ اللَّهِ -صَلَّى الله عَلَيْهِ وَسَلَّمَ-: خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي) މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައި ވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ތިމަން ކަލޭގެފާނުންގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ.”

މިހެންކަމުން އަޅުގަނޑުގެ ލޮބުވެތި އަޚާ އެވެ. އަދި އުޚްތާ އެވެ. އަދިވެސް އެއް ފަހަރު އަޅުގަނޑުގެ ނަޞޭޙަތް ތަކުރާރުކޮށްދެމެވެ. ތިބާގެ ދަރީންގެ މައްޗަށް އޯގާތެރިވާށެވެ. އަނިޔާވެރި ނުވާށެވެ.

ނޯޓް: މިއީ ޝައިޚް ރުޝްދާން ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.