ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށާއި މި ހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ވަނީ މި ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.