Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ގާތް ގައުމުތަކުގެ ގުޅުމަށް ބުރޫ އެރުވުމަކީ ދެވޭ ހަމަލާއެއް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ ގާތް ގައުމުތަކުގެ ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަތައް މީޑިއާތަކުން ނުގެންނަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގޮވާލައިފި އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަލީލު ވިދާޅުވީ ވާހަކަތައް މީޑިއާތަކުން ގެންނައިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި އެގޮތުން އެކަމަކީ ހާއްސަކޮށް ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ނުފޫޒު ނުވަތަ ބުރޫއަރާ ޒާތުގެ ވާހަކައެއް ނަމަ އެ ވާހަކައެއް ގައުމަށްޓަކާ ބާއްވަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ބައެއް ގާތް އަދި ރާއްޖެއިން ކޮންމެހެން ވެސް ގުޅުން ބާއްވަންޖެހޭ ގައުމުތަކާއި ދޭތެރޭ އޮންނަ ގުޅުމަށް ބައެއް ފަހަރަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް މީޑިއާތަކުން ގެންނަ ކަމަށާއި އެއީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން ކަމަށް ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ މި ޒާތުގެ ކަންކަން ކުރާނަމަ ރާއްޖެއާ ދޭތެރޭ އެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރާނެ ކަމަށާއި މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އެއީ އަޅުގަނޑުމެން އަމިއްލަ އަތުގައި އޮންނަ ފުރޯއިން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއް،" ހަލީލު ވިދާޅުވި އެވެ.

ހަލީލު ވަނީ ބޭރުގެ އެކި ތަންތަނަށް ދިޔަ ނަމަވެސް ދައްކަންވީ ރާއްޖޭގައި ހުންނަ ޕޮޒިޓިވް ކަންކަމުގެ ވާހަކަ ކަމަށާއި ކޮންމެ މަގާމެއްގައި ހުރި ނަމަވެސް މިއީ ދިވެހިންކަން ހަނދާން ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި ހިޔާލުތަފާތުވާ ފަރާތްތަކުން ބޭރު ގައުމުތަކަށް ގޮސް ނުބައި މައުލޫމާތުތައް ދިނުމަކީ ރާއްޖެއަށް އެކަމުން ގެއްލުންވާ ކަމެއް ކަމަށާއި އަބަދުވެސް ވިސްނަން ޖެހޭނީ ގައުމަށް ހެޔޮގޮތް ހޯދައިދޭން ކަމަށްވެސް ވިދާޅުވި އެވެ.