Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

ދަރުމަވަންތަ އެޅި ކުންފުންޏަށް މީރާއިން ދައުވާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުއާ ގުޅިގެން ޖީއެސްޓީގެ ފައިސާ ދައްކަން ޖެހެނީ ދިވެހި ސަރުކާރުން ކަމަށް ކޯޓުން ނިންމާފައި ވަނިކޮށް އެ މަޝްރޫއު ހިންގި ސިންގަޕޫރުގެ ކުންފުނި އަތުން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފި އެވެ.

ފަންސަވީސް ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރި ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނި އަތުން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 200 މިލިއަން ހޯދަން މީރާއިން ދައުވާކުރީ އެ ފައިސާ އެ ކުންފުނިން ނުދައްކާ ކަމަށް ބުނެ އެވެ.

ނަމަވެސް ސިވިލް ކޯޓުން 2023 ގެ މާޗްގެ ކުރިން ނިންމާފައި ވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި އެހާތަނަށް ޝަން ހުއާއިން ދެއްކި 227,000ރ. އަނބުރާ ދޭން އޭރު ސިވިލް ކޯޓުން އަންގާފައިވެ އެވެ.

ނަމަވެސް މީރާ 200 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމަށް ފަހު ޓެކްސް އިދާރާ އިން އެ މައްސަލާގައި ކޯޓުގައި ބުނެފައި ވަނީ ޖީއެސްޓީގެ ފައިސާ ޝަންގް ހުވާ ކޮންސްޓްރަކްޝަނުން މީރާ އަށް ދެއްކުމަށް ފަހު ދިވެހި ސަރުކާރުގެ އަތުން އެ ފައިސާ އަނބުރާ ހޯދިދާނެ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ މީރާއިން ކުރާ ދައުވާ ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން ކުރިން ވަނީ ޖީއެސްޓީގެ ފައިސާ އަށް ދިވެހި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ