Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

ޖުވާ އަކީ މީހާ ބަނގުރޫޓުކޮށްލާ ކަމެއް: ހުތުބާ

ޖުވާއަކީ މީހާ ބަނގުރޫޓުކޮށްލާ ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ 'ޖުވާއާއި އޭގެ އާމްދަނީ ހަރާމް"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި އެގޮތުން ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭންޖެހޭއިރު، ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭންޖެހި، އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވާ ކަމަށެވެ.

ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަަމަށާއި މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެއް ކަމަށް ހުތުބާގައި ބުންޏެވެ.

"ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށެވެ. ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީއެވެ. ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީއެވެ. އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ޙަރާމްތަކެތިކަމުގައި ވާތީއެވެ. ގެއްލުންވާ މީހުން ބަނގުރޫޓުވާތީއެވެ،" ހުތުބާގައިވެ އެވެ.

އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށް ކަމަށާއި ނަމަވެސް ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ޚުތުބާގައި ބުނީ ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެއް ކަމަށެވެ. އޭގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައިވާކަން ފާހަގަކުރިއެވެ. އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތިބި ކަމަށް ޚުތުބާގައި ބުންޏެވެ.

އެކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމު ކަމަށެވެ.