ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ، ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ އެވެ.
އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.
ޑރ. މުސްތަފާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ.
ޑރ. އިބްރާހީމް މުސްތަފާ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިންނެވެ. އެގޮތުން ތެލެސީމިއާ ބައްޔާ ގުޅޭ އެކި ކަންކަމުގައި ޑރ. މުސްތަފާ ވަނީ ވަރަށް ގިނަ ދިރާސާތަކެއް ހައްދަވާފަ އެވެ.