ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި އިންވެސްޓް ކުރުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައިމަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެ އެވެ.
އަދި ދަރިމައިވުމާއި ގުޅުންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޤައުމީ ޙަޤީޤަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޤައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގަ އެވެ.