މޫސުން ގޯސްވުމުން މޫދު ހަރަކާތްތައް ހުއްޓާލަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ގަދަވަޔާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫދު ކުޅިވަރުތަކާއި ހަރަކާތްތައް، މޫސުން ރަނގަޅު ވަންދެން ކުރިއަށް ނުގެންދަން އެދޭ ކަމަށެވެ.
ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ސަލާމަތްތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގައިގެން އިއްޔެ ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފަ އެވެ. އެގޮތުން ގދ. ގައްދޫން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.