Last Updated: July 16, 11:52
Wednesday, July 16, 2025
ޚަބަރު

ކާމިޔާބު ސިއްހީ ނިޒާމުގެ މުގުލަކީ އިހުލާސްތެރިކަން

ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ ކޮންފަރަންސުން ހާސިލުކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްޙަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކާ އެއްއުއިވާ މޭރުމަކުން އަލުން ބައްޓަންކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އަދި ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމުގައި ފާހަގަކުރައްވަމުން ސާޖިދާ ވަނީ، އެ ދާއިރާއިންވެސް ކުރިއެރުން ހޯދުމަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވާފަ އެވެ. އަދި ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން ދަތުގެ ސިއްޙަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން ސާޖިދާ ވަނީ، ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މި ކަންކަމަށް ޙައްލު ހޯދުމަށް، ސިއްޙީ ނިޒާމު ހަރުދަނާކޮށް، ސިޔާސަތުތައް ކަނޑައެޅުއްވުމަށް ގޮވާލެއްވި އެވެ.

ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަން ތަކުރާރުކުރައްވަމުން، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ކިބައިން ސާޖިދާ އެދިވަޑައިގަތީ، މިއަދު ފެށި ކޮންފަރަންސަކީ، ސިއްޙީ ޚިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހެއްދެވުމަށެވެ.

"ހިނިތުން 2025" އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރެންސެވެ.