ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފި އެވެ.
އެމްއޭސީއެލް އިން ބުނީ މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލެއް ކަމަށެވެ. މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ ވަނީ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ.
އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރާނެ އެވެ.