ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވެފައި ވާތީ ރޭގަނޑު ކަނޑުދަތުރުފަތުރު ނުކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގައިގެން އިއްޔެ ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފަ އެވެ. އެގޮތުން ގދ. ގައްދޫން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.