މަކަރާއި ހީލާތުން ޕޮންޒީ ސްކީމެއް ހިންގައި ގިނަ އަދަދެއްގެ ބައެެއްގެ އަތުން ފައިސާ ނަގަން ޕާކިސްތާންގައި ހިންގަމުން އައި ސްކޭމް ކޯލް ސެންޓަރަކުން 149 މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފައިސަލްއާބާދުގައި ހިންގަމުން އައި އެ ސެންޓަރުން ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރީ އެތަނުގެ މައްސަލަ ފަޅާއަރައި މިދިޔަ އަންގާރަ ދުވަހު ހިންގި ރެއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާންގެ 78 މީހަކާއި ޗައިނާގެ 48 މީހަކާއި ނައިޖީރިއާގެ އަށް މީހަކާއި ފިލިޕީންސްގެ ހަތަރު މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި ބަންގްލަދޭޝްގެ ހަ މީހަކާއި މިއަންމާގެ ދެ މީހެއްގެ އިތުރުން ޒިމްބާވުވޭގެ މީހެކެވެ.
ހައްޔަރުކުރި 149 މީހުންގެ ތެރޭގައި 18 އަންހެނަކު ވެސް ހިމެނެ އެވެ.
ނެޝަނަލް ސައިބަ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ) އިން ބުނީ އެ މީހުން ހިންގަމުން އައި ސްކޭމް ކޯލް ސެންޓަރަކީ ފުޅާ ދާއިރާގައި ޕޮންޒީ ސްކީމެއް ހިންގައި، އިންވެސްޓްކުރުމުގެ ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި މަކަރާއި ހީލަތް ހަދަމުން އައި ބޮޑު ނެޓްވޯކެއް ކަމަށެވެ.
އެތަން ބަލައި ފާސްކޮށް އެތަނުން ގިނަ އަދަދެއްގެ ކޮމްޕިއުޓަރާއި ސާވާތަކާއި ކްރިޕްޓޯކަރަންސީ އާއި ބޭރުގެ ގިނަ އަދަދެއްގެ ސިމް ކާޑުތަކެއް ވެސް ހޯދާފައިވެ އެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މި ޕޮންޒީ ސްކޭމް ހިންގަން މުއާމަލާތްތައް ކުރަން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ޓެލެގްރަމާއި ވަޓްސްއެޕާއި ޓިކްޓޮކްގެ އިތުރުން ޔޫޓިއުބް ޗެނެލްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 87 މީހަކު ފަސް ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކުރަން އެންސީސީއައިއޭ ހަވާލު ކުރަން ކޯޓުން އަމުރުކޮށްފައިވާ އިރު ދެން ތިބި މީހުން މި މަހުގެ 23 އާ ހަމައަށް ޑިސްޓްރިކްޓް ޖަލުތަކުގައި ވަނީ ބަންދުކޮށްފަ އެވެ.