ހިޔާނާތުގެ އިތުރު މައްސަލައެއްގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާކޮށްފި އެވެ.
ސައީދުގެ މައްޗަށް މިފަހަރު އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.
ޕީޖީ އޮފީހުން ބުނީ ސައީދު, ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އޭނާ ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، ލ. މާމެންދޫގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި އާދަޔާ ޙިލާފު ބޮޑު އަގެއްކަމަށްވާ 11,251,946.00ރ. އަށް އެ އައިސްޕްލާންޓް ގަތުމަށްޓަކައި، ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާނުލައި، ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މި އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް، ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18 ވަނަ އާންމު ބައްދަލުވުމުގައި ސައީދު ބައިވެރިވެ މަޝްވަރާކޮށް، އެ އައިސްޕްލާންޓް ގަތުމަށް ނިންމި ކަމަށެވެ.
އަދި ފެނަކައިން އިންހައުސްކޮށް ލ. މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ، އެވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓްއާއި ދެމެދު 07 ސެޕްޓެންބަރު 2023 ގައި ލ.މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށް، 11,251,946.00 ސައީދުގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ ދަށުގައިވާ ފެނަކައިން ކައިޒާން އިންވެސްޓްމަންޓަށް ދެއްކުމަށް މަގުފަހިކޮށްދީ އެ ފައިސާ ކައިޒާން އިންވެސްޓްމަންޓަށް ދައްކަން ޖެހޭ ގޮތަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މި ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މީގެކުރިން އެހެން މައްސަލައެއްގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެއީ ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގަ އެވެ.