ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވިދާޅުވީ މި އަހަރު ބޭރުގެ ދަރަނި އަދާކުރުމަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އަދި އަންނަ އަހަރު އެ އަދަދު 1.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ޑޮލަރުގެ އަގު 20 ރުފިޔާ އަށް އުފުލިފައިވާއިރު މިކަމުގެ ސަބަބުން ވިޔަފާރި މާކެޓަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށާއި މިކަން ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ގަވަރުނަރުގެ ކިބައިގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު މުނައްވަރަކީ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ޔާމީން ވަނީ މީގެކުރިން ވެސް ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުން ޑޮލަރު ހޯދަން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑެތި ވަފުދުތަކާއެކު ރާއްޖެއިން ބޭރު ގައުމުތަކަށް ވަޑައިގެންނެވުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ސަރުކާރަށް ވަންނަ ޑޮލަރުގެ ނިސްބަތް މަދު ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީ ސަރުކާރު ނިންމާލިއިރު ހުރިވަރާއި ކައިރި އަށް ވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިނގާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ދައުލަތަށް މިއަހަރު ލިބުނު ޑޮލަރުން ރައްޔިތުންގެ ބޭނުމަށް ހޭދަކުރީ ކިހާ ވަރެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޔާމީން ވަނީ މީގެކުރިން ވެސް ސަރުކާރަށް ގޮވާލާފަ އެވެ.