Last Updated: July 15, 13:52
Tuesday, July 15, 2025
ކުޅިވަރު

ޖޮޓާގެ ޝަރަފުގައި "20 ނަމްބަރު" ރިޓަޔާކޮށްފި

ކާރު އެކްސިޑެންޓެއްގައި ދާދިފަހުން މަރުވި ލިވަޕޫލަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާ ބޭނުން ކުރަމުން އައި "20 ނަމްބަރު" ޖާޒީ ރިޓަޔާ ކުރަން ލިވަޕޫލުން ނިންމައިފި އެވެ.

ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 25، ވެސް ކާރުގައި އިނެވެ. އެކްސިޑެންޓުގައި ޖޮޓާގެ އިތުރުން ސިލްވާ ވެސް ވަނީ މަރުވެފަ އެވެ.

ލިވަޕޫލުން ބުނީ ޖޮޓާ ބޭނުންކުރަމުން އައި "20 ނަމްބަރު" ޖާޒީ ރިޓަޔާކުރަން ނިންމީ ޖޮޓާގެ އަންހެނުން ރޫޓް ކާޑޯސޯ އާއި އޭނާގެ އާއިލާއާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ލިވަޕޫލްގެ ސީނިއާ ޓީމާއި އަންހެންގެ ޓީމު އަދި އެކެޑެމީގެ ހުރިހާ ލެވެލެއްގައި ވެސް 20 ނަމްބަރު ރިޓަޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލިވަޕޫލްގެ 20 ނަމްބަރަކީ އަބަދުވެސް ޖޮޓާ ކަމަށްވެސް ލިވަޕޫލުން ބުނެފައިވެ އެވެ.

ޖޮޓާ ވަނީ ލިވަޕޫލަށް ކުޅެދިން 182 މެޗުގައި 65 ގޯލު ކާމިޔާބުކޮށް، އެ ކްލަބާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ އަދި ވުލްވްސް އަށް ވެސް ކުޅުނު ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީފަ އެވެ. އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ ޔޫއެފާ ނޭޝަންސް ލީގު ފައިނަލްގައި ސްޕެއިންގެ މައްޗަށް ޕޯޗުގަލް އިން ކުރި ހޯދި މެޗެވެ.