Last Updated: July 15, 13:52
Tuesday, July 15, 2025
ދުނިޔެ

ވެއްޓުނު ބޯޓްގެ ތެޔޮ ސްވިޗްތައް ނިއްވާފައި

މިދިޔަ މަހުގެ ތެރޭގައި އެއާ އިންޑިއާގެ މަތިންދާބޯޓް ވެއްޓުނު އިރު އޭގެ އިންޖީނުތަކުގެ ތެޔޮ ސްވިޗްތައް ނިއްވާލާފައި ހުރި ކަމަށް އެ ހާދިސާއާ ގުޅޭ ގޮތުން އާންމުކުރި ފުރަތަމަ ތަހުގީގު ރިޕޯޓްގައި ބުނެފި އެވެ.

އިންޑިއާގެ އެއާ ކްރާފްޓް އިންވެސްޓިގޭޝަން ބިއުރޯ އިން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބޯޓް ވެއްޓުނު އިރު، އޭގެ ދެ އިންޖީނަށްށް ތެޔޮ ފޮނުވާ ސްވިޗްތައް ނިއްވާލާފައި ހުރިކަން ފާހަގަކުރެވިފައިވެ އެވެ. އަދި އެ ސްވިޗްތައް ނިއްވާލާފައި ހުރީ ބޯޓް ވެއްޓުމުގެ ވަގުތުކޮޅެއް ކުރިން ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.

އެހެންވެ އެއީ އިންޖީނުތައް ހުއްޓެން ދިމާވެދާނެ ކަމެއް ކަމަށާއި އެކަމަކު ބޯޓް ވެއްޓުނީ ސީދާ އެކަމާ ގުޅިގެން ކަމަށް ރިޕޯޓްގައި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ރިޕޯޓްގައި ވަނީ ސްވިޗްތައް ނިއްވާލުމާ ގުޅިގެން ދެ ޕައިލެޓުންގެ މެދުގައި ދެބަސްވުންތަކެއް ވެސް ހިނގިކަން ކޮކްޕިޓް ވޮއިސް ރެކޯޑުން އެނގޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެއް ޕައިލެޓް އަނެއް ޕައިލެޓާ ސްވިތް ނިއްވާލީ ކީއްވެތޯ ސުވާލުކުރާ އަޑު ވެސް އިވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު އެއާ އިންޑިއާގެ ބޯޓް ވެއްޓުނީ ގުޖްރާތުގެ އަހުމަދުއާބާދުގެ އެއާޕޯޓުން ފުރިތާ ގާތްގަނޑަަކަށް ތިން ވަރަކަށް ސިކުންތު ފަހުންނެވެ. އިނގިރޭސިވިލާތުގެ ލަންޑަނަށް ދާން ފުރި ބޯޓް މެޑިކަލް ކޮލެޖެއްގެ ހޮސްޓެލްއެއްގެ މައްޗަށް ވެއްޓުނު އިރު، ބޯޓުގައި 230 ޕަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.

ވެއްޓުނު ބޯޓަކީ ބޯއިން 787-8 ޑްރީމްލައިނާ ބޯޓެކެވެ.

އެ ހާދިސާގައި ބޯޓްގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ މީހެކެވެ. އަދި ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު 246 އަށް އަރަ އެވެ.

އިންޑިއާގެ އޭވިއޭޝަން ދާއިރާގައި މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު، އެއާ އިންޑިއާ ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.