Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ޗޮކްލެޓެއް ވަގަށް ނެގީ ދުވަސްވީ މީހެއް

މާލޭގެ ފިހާރައަކުން ވަގަށް ޗޮކްލެޓެއް ނަގައިގެން ދާން އުޅުނު މައްސަލައެއްގައި 59 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ގދ. ގައްދު އަށް ނިސްބަތްވާ އެ ފިރިހެން މީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އެ މީހާ ބަންދުކުރުމަށް ކޯޓުން ނިންމީ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވުމާއި، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށާއ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަވާތީ ކަމަށް ކޯޓުން ބުންޏެވެ.

ދުވަސްވީ މީހާ ޗޮކްލެޓެއް ވަގަށް ނެގީ މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ 'ފެންޓަސީ ސްޓޯރް' އިންނެވެ. ފުލުހުން އެ މީހާ ހައްޔަރުކުރީ ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސީނަށް ގޮސް ފިހާރައިގެ ސީސީޓީވީ ކެމެރާއިން ބެލިބެލުމުން އެ މީހާ ޗޮކްލެޓެއް ވަގަށް ނަގައި، ޖީބަށް ލައިގެން ފިހާރައިން ނުކުމެގެން ދާން އުޅޭ މަންޒަރު ވެެސް ފެނިފައިވާތީ އެވެ.

އަދި އެ މީހާ އެކަމަށް އެއްބަސް ވެސް ވެފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

ކުރިން ވެސް ވައްކަމުގެ ރެކޯޑްތައް އޮތް އެ މީހާ އަކީ މީގެ ކުރިން ވެސް 29 ފަހަރު ހައްޔަރުކޮށް، 18 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.