Last Updated: July 16, 13:41
Wednesday, July 16, 2025
ޚަބަރު

ނުކުޅެދުންތެރިންގެ ތެރޭގައި ގިނައީ ފިރިހެނުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14،000އަ ށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ އިރު، ގިނައީ ފިރިހެނުން ކަމަށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު ޖޫންގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ޖުމްލަ 14،412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެ ތެރޭގައި އަށް ގިންތިއެއްގެ މީހުން ހިމެނޭ އިރު، އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ.

އެ ބައިން އެކަނިވެސް ޖުމްލަ 4،117 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1،818 އަންހެނުންނާއި 2،299 ފިރިހެނުންނެވެ.

އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުރެގެން ޖުމްލަ 3،224 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 1،134 އަންހެނުންނާއި 2،090 ފިރިހެހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1،889 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 819 އަންހެނުންނާއި 1،070 ފިރިހެނުންނެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1،793 މީހުން ރަޖިސްޓްރީކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 722 އަންހެނުންނާއި 1،071 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1،745 މީހަކު ހިމެނޭ އިރު، އެއީ 922 އަންހެނުންނާއި 823 ފިރިހެނުންނެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 471 އަންހެނުންނާއި 532 ފިރިހެނުން ރަޖިސްޓްރީކޮށްފައިވާ އިރު އެއީ ޖުމްލަ 1،003 މީހުންނެވެ.

އޯޓިޒަމްގެ ޖުމްލަ 586 މީހަކު ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 123 އަންހެނުންނާއި 463 ފިރިހެނުންނެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 19 އަންހެނުންނާއި 36 ފިރިހެނުން ޖުމްލަ 55 ފަރާތެއް ވަނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފުތަރު" އެކުލަވާލައި އެ އަދާހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.