Last Updated: July 16, 12:04
Wednesday, July 16, 2025
މުނިފޫހިފިލުވުން

ދީޕިކާއާ އެކު ކުޅޭ ފިލްމުގައި އައްލޫގެ 4 ރޯލެއް

ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ، ޑައިރެކްޓަރު އެޓްލީގެ އާ ފިލްމުގައި އޭގެ ބަތަލު އައްލޫ އަރުޖުންގެ ހަތަރު ރޯލެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ޕުޝްޕާ" ގެ ބަތަލު، އެޓްލީގެ ފިލްމުގައި ކުޅޭ ހަތަރު ރޯލަކީ ބައްޕަ އާއި ކާފައެއްގެ ރޯލުގެ އިތުރުން އެއްމާބަނޑު ދެބެއިންގެ ރޯލު ކަމަށެވެ. އަދި މިއިން ކޮންމެ ރޯލަކުން އައްލޫ ފެންނާނީ ވަރަށް ތަފާތު ކެރެކްޓާތަކަކުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން ނެގިކަން މިދިޔަ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ބޮލީވުޑް ހަންގާމާ އިން ބުނީ މަޝްހޫރު އިތުރު ތިން ބަތަލާއަކު ވެސް ފިލްމުގެ ކާސްޓްގައި ހިމެނޭ ކަމަށެވެ. އެއީ އައްލޫއާ އެކު "ޕުޝްޕާ" ގެ ދެ ފިލްމުގައި ބަތަލާގެ ރޯލު ކުޅުނު ރަޝްމިކާ މަންދަނާގެ އިތުރުން ޖާންވީ ކަޕޫރާއި މުރްނާލް ތާކޫރެވެ.

އެކަމަކު އެ ތަރިން ފިލްމުގައި ހިމެނޭކަން އޭގެ ޓީމުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް، ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ 2027 ގަ އެވެ. އެޓްލީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާންގެ 2023 ގެ "ޖަވާން އެވެ.