Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ކުތުބުހާނާގެ 80 ވަނަ އަހަރާ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށެވެ. އަދި ލައިބްރަރީ ހިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅޭ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ރައީސް ވަނީ އަރިސްކުރައްވާފަ އެވެ.

ރާއްޖޭގެ ލައިބްރަރީ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ ވޫޖުދުވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ 1945 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރު އެވެ.

ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާ އެވެ. އެތަނުގައި 10000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ.