ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި "އަހާ" ފޯރަމްގެ އިތުރު ފޯރަމެއް ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ފޯރަމް އޮންނާނީ މިމަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގަ އެވެ. މިއީ މިފަދަ ފަސްވަނަ ފޯރަމެވެ.
މި ފޯރަމްގައި ހަތަރު މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބުދުﷲ މުއްތަލިބުގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.
"އަހާ" ގެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.
"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.