ހުޅުމާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރު 2:16 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ސައިކަލު ޓޯކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.