ޢަރަބި ޤައުމެއްގައި ހިނގައި ދިޔަ ޙާދިޘާއެކެވެ. ﷲ އަށް އުރެދުމުގެ ތެރޭގައި އުޅެމުން ދިޔަ ޒުވާނަކަށް ތެދުމަގު ފެނި، ތަޥްބާވެ ދީނުގައި ޘާބިތުވާން ފެށި އެވެ. މިގޮތުގައި ދުވަސްތައް ދަނިކޮށް މިޒުވާނާގެ ހިތުތެރެއަށް އައީ މުޅިން އެހެން ކަމެކެވެ. ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް، ނުރައްކާތެރި ކަމެކެވެ. ވަރަށް ސަމާލުވެ ރައްކާތެރި ނުވެވިއްޖެ ނަމަ މަގުން ކައްސައިލާވަރުގެ ކަމެކެވެ.
އެއީ އެޒުވާނާ ﷲ އަށް އުރެދުމުގެ ތެރޭގައި އުޅުނުއިރު އެކީގައި އުޅުނު އެކުވެރިން ތެދުމަގަށް ގެނައުމަށް މަސައްކަތް ކުރުމެވެ.
އެ ޒުވާނާ އެ މަސައްކަތް ފެށުމަށް އެ މީހުންނާ ވާހަކަ ދައްކަން ފެށުމުން އެނާގެ އެކުވެރިން އޭނައާ ދޭތެރޭ ކަންކަން ބެހެއްޓީ ހަމަ ކުރިން ވެސް ކަންކަން ކުރަމުން އައި ބީދައިންނެވެ. ވާހަކަ ހުރީވެސް ހަމަ އެފަދައިންނެވެ. ކުރިން އެ ޒުވާނާ ކޮށްފައިވާ ތަފާތު ކުށްތަކުގެ ވާހަކަ އާއި ތަފާތު ރޭތަކުގެ ވާހަކައިން ހިތަށް އުނދަގޫ ކުރަން ފެށި އެވެ.
މިގޮތުގައި ކަންތައް ހިނގަމުން ދަނިކޮށް އެ އެކުވެރިން އެ ޒުވާނާއަށް ހުށައެޅީ އެމީހުންނާ އެކު ދަތުރު ދިއުމަށެވެ. ކާރެއް ހޯދުމަށެވެ. އެ ޒުވާނާ އެ މީހުންނާ އެކު ދަތުރުގައި ބައިވެރި ނުވާނެ ކަމަށް ބުންޏެވެ. އަދި އެނބުރި އަންނަމުން ކޮންމެ ވެސް ހަދިޔާއެއް ގެންދިނުމަށް އެދުނެވެ. އެ މީހުންނާ ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގަ އެވެ. އެހެން ނަމަވެސް، އެ ޒުވާނާ މިދަތުރުގައި ކޮންމެހެން ވެސް ދާން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ. އެ ޒުވާނާ އެ އެކުވެރިންނާ އެކު ވުމަށް ބިރު ގަންނަ ވާހަކަ ބުނުމުން އެއެކުވެރިން ބުންޏެވެ.
އަހަރެމެ ންވެސް ރަނގަޅު ވާން ބޭނުމެވެ. އަދި ދަތުރުމަތީގައި ނަމާދުގެ ކަންކަން އޮންނަ ގޮތެއް ވެސް އަހަރެމެންނަކަށް ނޭނގެ އެވެ. އަހަރެމެންނަށް އެކަންކަން ކިޔާދީ އަހަރެމެންނާ އެކު އިމާމުވެ ނަމާދު ކޮށްލާ ހެދުމަށް ދަމާ ހިނގާށެވެ. އެ ވާހަކަތައް އެގޮތައް ދެއްކުމުން އެ ޒުވާނާ އެ މަޤްޞަދުގައި އެ މީހުންނާއެކު ދަތުރުދިޔަ އެވެ.
އެމީހުންގެ ދަތުރުގެ މަންޒިލަށް ދެވުމުން އެޒުވާނާ މަޑުކުރީ އެ މީހުންގެ ކޮޓަރީގައެވެ. އެނާގެ އެކުވެރިން ކުލަބުތަކަށް ގޮސް، ރާބޮއެ މަޖާކުރަން ދިޔަ ނަމަވެސް، އެކަމުގައި ބައިވެރިއެއް ނުވެ އެވެ. އެނުލަފާ އެކުވެރިންގެ ރޭވުމަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟
އެ މީހުން، ރީތިކަމާއި ޝާއްބަކަމުން ފުރިފައިވާ ޒިނޭކޮށް އުޅޭ ކަސްބީ އަންހެނަކަށް ބޮޑު އަގު ދީފައި ރަލާއިއެކު އެޒުވާނާ ހުރި ކޮޓަރިއަށް ފޮނުވި އެވެ. މި ޒުވާނާ އަކީ މީގެ ކުރިން ވެސް ފާފައިގެ ތެރޭގައި އުޅެފައި ހުރި ޒުވާނަކަށް ވުމާއި އެ އަންހެނާގެ ފޮނި ވާހަކަތަކުގެ ސަބަބުން އެ ޒުވާނާ އަށް މި އަންހެނާގެ އަތްދަށުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އަދި މި އަންހެނާ، މި ޒުވާނާ އަށް ހުށައެޅި ރާތަށިތައް ބޯންފެށި އެވެ. އަދި އެންމެ ފަހުން، އެމަސްތުގެ ތެރޭގައި އެހެން ފާފަތަކަށް ވެސް އަރައިގަނެވިއްޖެ އެވެ. އަދި އެރޭ އެ ޒުވާނާ ނިދީ އެއަންހެނާ އާ ޒިނޭކޮށްގެންވާ ޙާލުގަ އެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު އެ ޒުވާނާގެ އެކުވެރިން ހެމުން މަލާމަތް ކުރަމުން އެ ޒުވާނާ ދޭތެރޭ ކަންތައްވީ ކިހިނެތްތޯ ބެލުމަށް އެ ކޮޓަރީގެ ގާތަށް އައިސް ދޮރުގައި ޓަކި ދިނެވެ. ދޮރު ހުޅުވީ ކަސްބީ އަންހެނާ އެވެ. ހުޅުވުމުން ކަންތައްތައް ދިޔައީ ކިހިނެތްތޯ އެ މީހުން އޭނާ އާ ސުވާލުކުރި އެވެ. އެ އަންހެނާ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމުގައި ބުންޏެވެ. އަދި މިހާރު އެ ޒުވާ ނާއަށް ވަނީ ނިދިފައި ކަމަށް ބުންޏެވެ. އެހެން ބުނުމުން އެ މީހުން ހެމުން މަލާމާތް ކުރަމުން އައިސް އެ ޒުވާނާއަށް ގޮވި އެވެ. އެކަމަކު އެޒުވާނާއަކަށް ނުހޭލެވުނެވެ. އެ ޒުވާނާ ވަނީ އެއަށް ވުރެ ގަދަ ނިންޖަކުން ނިދައިފައެވެ. '
އެ ޒުވާނާ ވަނީ ރޭގެ ގޯސް ޢަމަލުތަކާއި އެކު މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ނުބައި ނުލަފާ އެކުވެރިންގެ މަޅީގައި ޖެހި އެ ޒުވާނާ މަރުވީ ޒިނޭގެ ތަންމަތީގަ އެވެ.
އޭ ފާފަތަކުން އިސްރާފުކުރަމުންދާ ޒުވާނުންނޭވެ! އަދި ލަހެއް ނުވެއެވެ. އަވަހަށް އިޞްލާޙުވާށެވެ. ފާފަތަކުގެ ތެރޭގައި އުޅެއުޅެ ހުއްޓާ މަރުވުމުގެ ކުރިން ﷲގެ މަގަށް ރުޖޫޢަވެ ތަޥްބާވާށެވެ. އަދި ގޯސް އެކުވެރިން ދޫކޮށްލާ ހެޔޮލަފާ ރަނގަޅު އެކުވެރިން އިޚްތިޔާރު ކުރާށެވެ.
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.