Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

ތަޖުރިބާ ހޯދަން ލ. އަތޮޅު ކައުންސިލުން ބާލީ އަށް

ތަޖުރިބާ ދަތުރެއްގައި ލ. އަތޮޅު ކައުންސިލުން އިންޑޮނޭޝިއާގެ ބާލީއަށް ދާން ނިންމައިފި އެވެ.

ކައުންސިލުން އެގޮތަށް ފާސްކޮށްފައި ވަނީ މި މަހުގެ 3 ގައި ބޭއްވި 72 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުންނެވެ. ފާސްކުރި ހުށަހެޅުމުގައި ބުނީ މިއީ ކައުންސިލުން ކުރާ މަސައްކަތާ ގުޅޭ އިތުރު ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރެއް ކުރުމަށް މަސައްކަތު ތާވަލުގައި ހިމަނާފައިވާތީ ކުރާ ދަތުރެއް ކަމަށެވެ.

އެގޮތުން ބާލީ ކުރަން ހަމަޖެހިފައިވާ ދަތުރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފަހުކޮޅަށެވެ. ލ. އަތޮޅުން ތަޖުރިބާ ދަތުރެއްގައި ދާން ނިންމި ބާލީ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިސްޓް މަންޒިލެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކިއެކި ކައުންސިލްތަލުން ބޮޑެތި ހަރަދުތައްކޮށްގެން ތަޖުރިބާ ދަތުރުތައް ރާއްޖެ އިން ބޭރަށްކޮށްފައިވެ އެވެ. އެފަދަ ބައެއް ދަތުރުތަކާ ގުޅިގެން ބައެެއް ކައުންސިލްތަކަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ދާދި ފަހުން ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ކައުންސިލްތަކުގެ ބަޖެޓުން ބޭކާރު ހަރަދުތައް ކުރާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެ އިން ބޭރަށް ތަޖުރިބާ ހޯދުމުގެ ނަމުގައި ދަތުރުތައް ކުރާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.