Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އިސްލާމިކް ލައިބްރަރީ ހުޅުވައިފި

ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ޝަހީމް ދެއްވި އެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގަ އެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.