Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އިސްލާމީ ބިނާގެ މަތީގައި

ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި އަަލަށް ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާދަމް ނަސީރު ވިދާޅުވީ ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއް ކަމަށާއި، ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިއްމު ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ އަމާޒަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުން ކަމަށާއި މިއީ މިކަމުގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އާދަމް ނަސީރު ވަނީ ފޮތް ކިޔުމުގެ މުހިއްމުކަމާއި އިސްލާމީ ތާރީޚާއި ފޮތްތަކާއި އަދި އިސްލާމީ ކުތުބުޚާނާތަކާއި ގުޅޭ މުހިއްމު ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގަ އެވެ. މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.