ރާއްޖޭގެ ޖަލު އޮފިސަރުންތަކެއް ސްރީ ލަންކާގައި ބޭއްވި މެންޓަލް ހެލްތު ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކޮށްފި އެވެ.
ލަންކާގައި ހިންގި 'ކައުންސެލިން އެންޑް މެންޓަލް ހެލްތް ޓްރޭނިން' ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނުވަ އޮފިސަރަކު ބައިވެރިވެފައިވެ އެވެ.
މިއީ ޖަލުތަކުގައި ޤައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ފުރަތަމަ ފަހަރަށް ބައިވެރިވި މިފަދަ ޕްރޮގްރާމް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ލަންކާގެ ނިގަންބޯގައި ހިންގި މި ޓްރޭނިން ޕްރޮގްރާމަކީ 10 ދުވަހުގެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ކަރެކްޝަނަލް ސާވިސްގެ ތިން ޖަލެއްގެ އިތުރުން ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ ނުވަ އޮފިސަރުންނާއި އިދާރީ މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.
'ކައުންސެލިން އެންޑް މެންޓަލް ހެލްތް' ޓްރޭނިން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރީހެބިލިޓޭޝަން ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމާ ކަރެކްޝަނަލް ސާވިސްގެ ޚިދުމަތް އިތުރަށް ޚަރުދަނާ ކުރުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ޤައިދީން ރަނގަޅަށް ރީހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަހުލުވެރިކުރެވިގެން ދާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ސްރީ ލަންކާގެ ހެލްޕިން ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލާ ގުޅިގެންނެވެ.