އިސްލާމިކް މިނިސްޓްރީން އަންނަ އަހަރު ނެރޭ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމުގެ ގޮތުން ފޮޓޯ މުބާރާތަކަށް މިނިސްޓްރީން ހުޅުވާލައިފި އެވެ.
'ކަލަންޑާ ފޮޓޯ މުބާރާތް 2025' ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރީތި 13 ފޮޓޯއެއްހޮވައި އަންނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ އެވެ.
މުބާރާތުގައި ކޮންމެ އުމުރެއްގެ ފަރާތަކަށް ވެސް ބައިވެރިވެވޭ އެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް މަދުވެގެން ތިން ފޮޓޯ ހުށަހެޅޭނެ އެވެ. ގިނަވެގެން ހުށަހެޅޭނީ ފަސް ފޮޓޯއެވެ.
ފޮޓޯތައް ވާން ޖެހޭނީ ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ މިސްކިތްތަކުގެ ފޮޓޯތަކަވެ. މިސްކިތުގެ ބޭރާއި އެތެރެ އާއި އަދި މުޅި ސަރަހައްދު ދައްކައިދޭ (އިންޓީރިއާ، އެކްސްޓީރިއާ، އަދި އޭރިއަލް ވިއު) ފޮޓޯއަށެވެ. މުބާރާތަށް ހުށައަޅާ ފޮޓޯތަކުގައި މާތްﷲ ގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ ގެ ނަންފުޅާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނެ އެވެ.
މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2،500ރ. އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1،500 ރ. އިނާމެއްގެ ގޮތުގައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި މުބާރާތުގައި ފަނޑިޔާރުން އިންސާފު ކުރުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި އުފެންދުންތެރިކަމާއި، ޓެކްނިކަލް ފެންވަރާއި ކޮލިޓީ، ފަންނުވެރިކަމާއި ހުނަރު އަދި ޝަރުތުތަކާ ގުޅުން ހުރި މިންވަރު ހިމެނެ އެވެ.
މުބާރާތަށް ފޮޓޯތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 31 ގެ ދަންވަރު 11:59 އެވެ.
ފޮޓޯ ހުށަހަޅާނީ މި shorturl.at/vmPqa ލިންކް މެދުވެރިކޮށެވެ. ހުށައަޅާ ފޮޓޯއާ އެކު ހުށަހަޅާ މީހާގެ އައިޑީކާޑު ފޮޓޯއެއް ހުށައަޅަން ޖެހޭނެއެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި، މިސްކިތުގެ ނަމާއި ފޮޓޯއާ ގުޅޭ ކުރު ތަޢާރަފެއް ވެސް ހިމަނަން ޖެހެ އެވެ.