Last Updated: July 15, 06:03
Tuesday, July 15, 2025
މުނިފޫހިފިލުވުން

އާމިރު ފިލްމަކަށް 2 ލަވަ ރެކޯޑް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާން ޕްރޮޑިއުސްކޮށް، ހާއްސަ ރޯލެއް ކުޅެން ހަމަޖެހިފައިވާ ކޮމެޑީ ފިލްމަކަށް ދެ ލަވައެއް އަމިއްލަ އަޑުން ރެކޯޑް ކުރަން ހަމަޖެހިފައިވާ ކަމަށް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި 60 އަހަރުގެ އެކްޓަރު ބުނީ ލަވަ ކިޔުމަކީ މިހާރު ޕްރޮފެޝަނަލްކޮށް ކުރަން ވެސް ބޭނުންވާ ކަމެއް ކަމަށާއި ލަވަ ކިޔަން ދަސްކުރަން ޓްރެއިންތަކެއް ވެސް ދާތާ އަހަރުތަކެެއްވެއްޖެ ކަމަށެވެ. އަދި އޭނަ ލަވަކިޔަން ދަސްކުރަނީ ސުޗެތުރާ ބަޓަޗަރްޖީގެ ފަރާތުން ކަމަށް ބުންޏެވެ.

"އެހެންވީމަ ދެން އަހަރެން ގެނެސްދޭ ކޮމެޑީން އަހަރެން ކިޔާފައިވާ ދެ ލަވައެއް އަޑު އިވިގެން ދާނެ." މިދިޔަ މަހު ރިލީޒްކުރި ފިލްމު ސިތާރޭ ޒަމީން ޕަރްގެ ބަތަލު ބުންޏެވެ.

އޭނަ ބުނި ގޮތުގައި އަދި ނަމެއް ހަމަޖައްސާފައި ނުވާ ކޮމެޑީ އަށް ކިޔާ ލަވަތަކުގެ މިއުޒިކް ހަދަނީ ރާމް ސަމްޕަތެވެ. އާމިރު ބުނީ އެ ލަވަތައް އާންމުން ބަލައިގަންނަ ގޮތެއް ބަލަން ވެސް ކެތްމަދުފައި ހުރި ކަމަށާއި މިއީ ސަޕްރައިޒަކަށް ވާނެ ކަމަށެވެ.

އާމިރު މީގެ 27 އަހަރު ކުރިން ވެސް އޭނަގެ ފިލްމަކަށް ލަވައެއް ކިޔާފައިވެ އެވެ. އެއީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ "އާތީ ކިޔާ ކަންޑާލާ" އެވެ. އެއީ 1998 ގެ ފިލްމު "ގުލާމް" ގެ ލަވައެކެވެ.

ރާނީ މުކަރްޖީ ބަތަލާގެ ރޯލު ކުޅުނު ފިލްމަށް އާމިރު ކީ އެ ލަވަ އަކީ ޑުއެޓެކެވެ. އެގޮތުން ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކެވެ.