ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" ގެ ވިލަންގެ ރޯލުން ވިކްރާންތު މަސީގެ ބަދަލުގައި ފެންނާނީ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ، ވިޖޭ އަކީ ބޮލީވުޑްގެ 2022 ގެ ފިލްމު "ލައިގާ" ގެ ބަތަލެވެ. އޭނަ "ޑޮން 3" ގެ ވިލަންގެ ރޯލުން ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، އެ ފިލްމު ޕްރޮޑިއުސްކުރާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓުން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް އަދި ނުބުނެ އެވެ.
ނަމަވެސް އެތަނުގެ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ "ޑޮން 3" ގެ ވިލަން އަކީ ވިޖޭ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ވެސް ހަގީގަތެއް ނެތް ކަމަށެވެ.
މީގެ ވިލަން އަކީ ވިކްރާންތު ކަމަށް ވާހަކަ ދެކެވެން ފެށީ، އެ ރޯލު އިމްރާން ހާޝިމީ އަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި އަރާފައި ވަނިކޮށެވެ.
އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ "ޑޮން 3" ގެ ބަތަލަކީ ރަންވީރުކަމާއި ބަތަލާ އަކީ ކިއާރާ އަދުވާނީކަން 2023 ގައި ކަށަވަރުކޮށް ދިނުން ފިޔަވައި، ފިލްމުގެ ކާސްޓާ ބެހޭ އެއްވެސް ވާހަކައެއް ފަރުހާނާއި އެކްސަލް އިން މިހާތަނަށް ހިއްސާކޮށްފައި ނުވާކަމެވެ.
ކިއާރާ މި އަހަރުގެ ކުރީކޮޅު އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން އޭނަ ފިލްމު ދޫކޮށްލިކަމުގެ ވާހަކަތަކެއް ވެސް ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. އެހެންވެ "ޑޮން 3" ގެ ބަތަލާއަކަށް ކްރިތީ ސެނަން ނުވަތަ ޝަރްވާރީ ވާގް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް މި ފަހުން އަރާފައިވެ އެވެ.
ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ބުނީ ކިއާރާ ފިލްމު ދޫކޮށްނުލާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތް ފިލްމުން އޭނަ ފެންނާނެ ކަމަށެވެ. މިހާރު ރޭވިފައި އޮތް ގޮތުން "ޑޮން 3" ގެ ޝޫޓިން ޖެނުއަރީ މަހުގެ މެދުތެރޭގައި ފަށާނެ އެވެ. އަދި ފިލްމުގެ ކާސްޓްގައި، ޝާހްރުކް ޚާން "ޑޮން" ގެ ރޯލު ކުޅުނު ދެ ފިލްމުގެ ބަތަލާ، ޕްރިޔަންކާ ވެސް ހިމެނޭނެ ކަމަށްވެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.