Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕުން އިތުރު ފުރުސަތެއް

އައްޑޫ އިއެކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އަލަށް ހުޅުވައިލި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ޕްރޮގްރާމަށް މެއި މަހުގެ ތެރޭގައި ހުޅުވާލައި ކުރިމަތިލާން ދިން މުއްދަތި ހަމަވީ އެ މަހުގެ 15 އަށެވެ. ނަމަވެސް އޭއީއެޗުން މިއަދު ބުނީ އަލުން ހުޅުވާލައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުނީ އިންޓާންޝިޕް ޕްރޮގްރާމުން ފުރުސަތު ދޭން ނިންމާފައި ވަނީ 15 ފަރާތަކަށެވެ.

މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރަށް ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ އެއްވެސް ރެކޯޑެއް ނެތުން ހިމެނެ އެވެ.

އޭއީއެޗުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885045 އާއި މި މެއިލް info@aeh.gov.mv އިން ހޯދޭނެ އެވެ.