ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިމިއްޖެ އެވެ.
ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފެބްރުއަރީ 13 ގަ އެވެ.
އެގޮތުން ޣާލިބު ސަލީމު ކިޔާ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ.
ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ދަރަނި ދައްކައި ވަނީ ހަލާސްކޮށްފަ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިނާންގެ ވަކީލު ވަނީ ދަރަނީގެ ފައިސާ ދެއްކުން ލަސްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގައިރު ހާޒިރުގައި ކުރި އެ ހުކުމް އޮތްކަން ނޭނގޭތީ ކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ޣާލިބުގެ ވަކީލް އިބްރާހިމް ޝިޔާމް ވަނީ ސިނާންގެ ފަރާތުން އެހެން ބުނި ނަމަވެސް ހުކުމް ކުރިތާ އެއް ދުވަސް ފަހުން ސިނާނަށް ވައިބާ މެދުވެރިކޮށް ކޯޓުން ހުކުމް ފޮނުވި ކަމަށެވެ. އަދި ހުކުމް ލިބުނުކަން ކަށަވަރުކުރުމަށް މެސެޖު ފޮނުވުމަށް ފަހު، ކޯޓުން ސިނާނަށް ގުޅައި ވައިބާއިން ހުކުމް ފޮނުވިކަން އަންގާފައިވާ ކަމަށާއި ސިނާން ވަނީ އެ މެސެޖު ބަލައި ރިޕްލައި ވެސް ކޮށްފައި ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ސިނާންގެ ވަކީލު ވިދާޅުވީ އެ ދުވަހު ވައިބާއިން ފޮނުވި މެސެޖު ސިނާން ބެއްލެވި ނަމަވެސް ހުކުމް ބައްލަވައި ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ ހުކުމުގައިވާ ދަރަނި ދެއްކުމަށް ކަމަށާއި ފައިސާ ހަމަޖައްސަން ދުވަސްތަކެއް ނެގި ކަމަށް ވަކީލު ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ.