Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ނުރައްކާތެރި ކުނި ރައްކާކުރާ އައްޑޫ މަރުކަޒު ވެމްކޯ އަށް

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖުކުރުމާއި ގުޅޭ ޤަވާޢިދުތަކާ އެއްގޮތަށް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުމެވެ.

މި މަރުކަޒު ހިންގުމަށްޓަކައި ސްޓޭންޑަރޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވާލެވިފައިވެ އެވެ. މި އުޞޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެ އެވެ.

މި މަރުކަޒަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ވެމްކޯއާ ޙަވާލުކުރެވިފައިވާ މި މަސްއޫލިއްޔަތު އަދާކުރުމުގައި ކާމިޔާބު ލިބި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ވެމްކޯ އިން ބުނެ އެވެ.